ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި އދ. އަތޮޅު ތަމްސީލުކުރާ ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން މި ކައުންސިލްގެ ފަރާތުން 2025 ސެޕްޓެމްބަރު 12 އިން 13 އަށް ޚާއްޞަ ސެޝަންތަކެއް ކިރިތި ޤުރްއާނާ ބޭހޭ މަރުކަޒުގެ އދ. މަހިބަދޫ ގޮފީގައި ބާއްވައިފިއެވެ. މި ސެޝަންތަކުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 10 ދަރިވަރުން، ނުބަލާކިޔެވުމުގެ ގޮފިން 7 ދަރިވަރުން، އަދި ޙާފިޡުންގެ ގޮފިން 1 ދަރިވަރު، މުޅި ޖުމްލަ 18 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަންތައް ނަންގަވައިދެއްވީ އުސްތާޛު އުސައިދު އަޙްމަދު ޙަސަންއެވެ.
ސެޝަންތައް ނިންމާލުމުގެ ރަސްމިއްޔާތުގައި ޤައުމީ މުބާރާތަށް ހޮވިފައިވާ ދަރިވަރުންނަށް ހިއްވަރު ދިނުމަށާއި އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި ޤައުމީ މުބާރާތަށް ހޮވިފައިވާ ދަރިވަރުންގެ ޝަރަފުގައި އދ. އަތޮޅު ކައުންސިލުން ޚާއްޞަ ފަރިއްކޮޅެއް ވަނީ ދެއްވާފައެވެ. މި ފަރިއްކޮޅުގައި ދަރިވަރުންނާ، ބެލެނިވެރިން އަދި އދ. އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
