ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކޮށްފައިވާ “އދ. ލޮނުބޮއި” ޕިކްނިކް ދަތުރުތަކަށް ހުޅުވައިފި.

އދ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޢާއިލާއާއި ރައްޓެހިންނާއިއެކު ހިތްހަމަޖައްސާލައި، މޫދަށް އެރި އެކުވެރިކަން އާލާކުރުމަށް ޕިކްނިކް ދަތުރު ދިއުމަށްޓަކައި، އދ. އަތޮޅު ކައުންސިލުން އދ. މާފުށިވަރު ރިސޯޓާއި ގުޅިގެން ތަރައްޤީ ކުރި “އދ.  ލޮނުބޮއި” ޕިކްނިކް ދަތުރުތަކަށް ހުޅުވާލައިފިއެވެ. މިގޮތުން އދ. އަތޮޅު ރަށްރަށުގެ ރައްޔިތުންނަށް ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެއްވެސް ފީއަކާއިނުލައި މި ރަށަށް ދަތުރުދެވޭނެގޮތަށްވަނީ ހަމަޖައްސާފައެވެ. މި ރަށުގައި ޕިކްނިކްދާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ބާބެކިޔު އޭރިޔާއާއި، ވެއިޓިން އޭރިއާއާއި 2 ފާޚާނާގެ އިތުރުން ނަމާދުކުރާނެ ތަނެއް ހިމެނެއެވެ. ސްކޫލް ދަރިވަރުންގެ ޗުއްޓީތެރޭގައި ހުކުރުދުވަހާއި ހޮނިހިރު ދުވަހުގެ އިތުރުން އާދިއްތަ ދުވަސްވެސް ރަށްރަށުގެ ރައްޔިތުންނަށްވަނީ ހުޅުވާލަފެއެވެ. އދ. އަތޮޅު ކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ މި ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށް، ރަށް ބެލެހެއްޓުމުގެ ކަންކަން ކުރަމުންދަނީ އދ. މާފުށިވަރު ރިސޯޓުންނެވެ. މި ރަށަށް ދަތުރުދާ ފަރާތްތަކުން ރަށުގެ ސާފުތާހިރު ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއިއެކު ތިމާވެއްޓަށް ގެއްލުން ނުވާނެގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް އދ. އަތޮޅުކައުންސިލާއި، މާފުށިވަރު ރިސޯޓުން އިލްތިމާސްކުރެއެވެ. އަދި ދަތުރުދާ ފަރާތްތަކުގެ ސަބަބުން އުފެދޭ ކުނިބުނި އެ ފަރާތަކުން ގެންދިއުމަށާއި، ތަންތަނާއި ތަކެއްޗަށް ގެއްލުންދީ ނުހެދުމަށާއި، ދަތުރު ދާ ފަރާތްތަކުން ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކުރެއެވެ.
“އދ. ލޮނުބޮއި” އަށް ދަތުރު ދިއުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު ހުއްދަ ހޯދަންޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ.
ލިންކް:
 https://ee.kobotoolbox.org/x/xPECWrd4
މީގެ އިތުރުން “އދ. އެނބުދޫ” ވެސްވަނީ ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ޢާންމުކޮށް ހުޅުވާލާފައެވެ.

ފަހުގެ ޚަބަރު