ތައާރަފް

މިތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގައި ޢަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ މާއްދާ 8 (ށ) ގައި ބުނާގޮތުގެ މަތިން ރަށްރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު ރަށްރަށުން އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭންތަކަށް ބިނާކޮށް، ކުރިއަށް އޮތް 5 އަހަރަށް އަތޮޅު ތަރައްޤީއަށް ކުރެވޭ ތަސައްވަރުގެ މައްޗަށެވެ.

މިތަރައްޤީގެ ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވާނީ، ލާމަރުކަޒީ ޤާނޫނު (2010/7) ގެ 9 ވަނަ މާއްދާގައި އަތޮޅުކައުންސިލުން ދޭންޖެހޭނޭ ކަމަށް ބަޔާންކުރާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީ، ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށެވެ. އަދި ރައްޔިތުންގެ އިޤްދިޞާދީ ހާލަތު ރަނގަޅުކުރުމަށާއި އިޖްތިމާޢީ މައްސަލަތައް ޚައްލުކުރުމަށް މިވަގުތު ބޭނުންކުރަމުންދާ ޤައުމީ ތަރައްޤީގެ ޕްލޭނާއި މިންގަނޑުތަކަށް ރިޢާޔަތްކޮށްފައި ވާނެއެވެ.

ތަރައްޤީގެ ޕްލޭން ބައްޓަންކޮށްފައިވާނީ، އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މަޞްރޫޢުތައް ހިންގުމުގައި، އެހީތެރިވުމާއި، މޮނިޓަރކޮށް ބެލެހެއްޓުމުގެ މައްޗަށެވެ.

މިތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުކުރެވޭނީ ކައުންސިލަށް ލިބޭ އާމްދަނީ އާއި ސަރުކާރުން ދޭ ހިލޭއެހީ އަދި އެހެނިހެން ގޮތްގޮތުން ލިބޭ މާލީ އެހީގެ މިންވަރަށް ބަލާ ކައުންސިލްގެ މާލީ ޤާބިލިއްޔަތު އާއި ވަޞީލަތްތައްހުރި މިންވަރުންނެވެ. ވީމާ، މިޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ކައުންސިލްގެ ވަޞީލަތްތައް ހުރިމިންވަރާއި މާލީގޮތުން ފުއްދޭނޭ މިންވަރު މިޕްލޭންއާއި އެކު ހިމަނާފައިވާ  އަތޮޅު ފައިނޭންޝަލް ޕްލޭން އިން ދައްކާދޭނެއެވެ.