މި އިދާރާއިން އިސްނަގައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން 18 ފެބްރުއަރީ 2025 ވަނަ ދުވަހު އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ “ވުނާރި ފޯރަމް- ޓުއަޒިރަމް އެޑިޝަން” ވަރަށް ކާމިޔާބުކަމާއެކު ވަނީ ނިންމާލެވިފައެވެ. މިއީ މިކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނި ބަޖެޓްކުރެވިގެން، ގެސްޓްހައުސް ވިޔަފާރިތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ބިޒްނަސް ޑިވެލޮޕްމެންޓް ސެމިނަރއެއް ބޭއްވުމުގެ މަޤްސަދުގައި ހިންގާފައިވާ ފޯރަމެކެވެ.
މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ޓުއަރިޒަމް ސިނާއަތާއި، ގުޅުންހުރި އެހެނިހެން ސިނާއަތްތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޚާއްސަކުރެވިގެން އެންމެ އެކަށޭނަ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އިންޑަސްޓްރީ އެކްސްޕާރޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދެވުނު މި ފޯރަމްގައި، އަތޮޅުގެ ހުރިހާ ރަށެއްގެ ގެސްޓް ހައުސްތަކުންނާއި ޑައިވިންގ ސެންޓަރ ތަކުން އަދި ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުންނާއި، ޓޫރިޒަމް ދާއިރާގެ ވިޔަފާރިއަށް އަލަށް ވަންނަން ބޭނުންވާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާ ކިޔަވާ ދަރިވަރުންނާއި ބިޒްނަސް މާއްދާ ކިޔަވާ ދަރިވަރުންވެސް ވަނީ މި ފޯރަމްގައި ބައިވެރިވެފައެވެ.
މި ފޯރަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވެދެއްވި އެހީތެރިކަމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި މި ފޯރަމްގައި މުހިއްމު މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވިކަމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަރަންމަންޓް، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، އެސް. އެމް. އީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ، މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށްޝުކުރު ދަންނަވަމެވެ.